ކުޑަހުވަދޫ ބަނދަރުން އޮޑިފަހަރަށް ދޫކުރާ ކަރަންޓަށް އަގުނެގުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ދ.ކުޑަހުވަދޫ ކައުންސިލުން ބުނީ، އަންނަ މާޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ރަށުގެ ބަނދަރުން ކަރަންޓްގެ ޚިދުމަތް ހޯދާ އޮޑިފަހަރުތަކުން ވަކި އުސޫލެއްގެ ދަށުން އަގު ނަގަން ނިންމާފައިވާކަމަށެވެ. އަދި، އެގޮތަށް ނިންމީ ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ހަމަހަމަ އުޞޫލަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
**”ދ.ކުޑަހުވަދޫ ބަނދަރުން ކަރަންޓް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު“**ގައި އޮޑިފަހަރުން ދެ ގޮތަކަށް އަގުނަގާގޮތަށް ވަނީ ކަނޑައަޅާފަ އެވެ. ފުރަތަމަ ގޮތަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޤަބޫލުކުރާ މިންގަނޑަކަށް ދޯނީގައި މީޓަރު ބަހައްޓާ ފަރާތްތަށް، ފެނަކަ ކޯޕަރޭޝަނުން ކަރަންޓް ދޫކުރާ ރޭޓްގައި، އެފަރާތަކުން ބޭނުންކުރާ މިންވަރަކަށް މީޓަރަށް ކަރަންޓް ދޫކުރުމެެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޤަބޫލުކުރާ މިންގަޑަށް މީޓަރު ބަހައްޓާފައިވާ އޮޑިފަހަރަށް ބިލްކުރާނީ ކަރަންޓް ބޭނުންކޮށް ނިމުމުން، މީޓަރު ރީޑިން ނެގުމަށްފަހު ފެނަކަ ކޯޕަރޭޝަނުން އެ ވަގުތަކު ވިޔަފާރި ރޭޓްގައި އަގުކުރާ މިންވަރަކަށެވެ. މީޓަރު ރީޑިންގ އަށް އަގުކުރާ ފަރާތްތަކުން ކުރިޔާލާ ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ޑިޕޮސިޓް ބަހައްޓާކަށް ނުޖެހެއެވެ.
ދެވަނަ ގޮތަކީ، ކަރަންޓް ބޭނުންކުރާ ވަގުތައް ބަލައި ގަޑިއަކަށް ޖެހޭ ރޭޓުން އަގުކުރުމެވެ. މިގޮތުން އަގުކުރާނީ 1 ގަޑީއިރަކަށް އެއް ރޭޓެއް، މަސްދުވަހު ބޭނުން ކުރާނަމަ ވަކި ރޭޓަކުންނެވެ. ގަޑީ ރޭޓުން އަގު ނަގާ ފަރާތްތަކުން ޚިދުމަތަށް އެދުމުން ޚިދުމަތް ދޫކުރެވޭނީ ޚިދުމަތަށް އެދިފައިވާ ވަގުތަށް ފައިސާ ދެއްކުމުންނެވެ. ފައިސާ ދެއްކޭނީ އޮންލައިން ޓްރާސްފާ މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށެވެ. ނުވަތަ ބަނޑޭރިޕޭ ފަދަ ސަރުކާރު ޤަބޫލުކުރާ އޮންލައިން ވަސީލަތެއް މެދުވެރިކޮށްނެވެ. ވަކިވަގުތަކަށް ފައިސާ ދައްކާފައި ޚިދުމަތް ހޯދާ ފަރާތަކުން، ޚިދުމަތައް އެދިފައިވާ ވަގުތަށްްވުރެ އިތުރު ވަގުތު ބޭނުންވާ ކަމަށް އެދިއްޖެނަމަ، އިތުރު ވަގުތަށް ޚިދުމަތް ދޫކުރެވޭނީ އިތުރަށް ބޭނުންވާ ވަގުތަށް ފައިސާ ދެއްކުމުންނެވެ.












