40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ވައިޓް އެލާޓް ނެރެފައިވަނީ، ނ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމަޔަށެވެ. މެންދުރުފަހު 02:30 އިން މިރޭ 08:30 ޖެހުމާހަމަޔަށް މި އަތޮޅުތަކަށް އެލާޓް ނެރެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވަރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއްކަށެވެ. އަދި، ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެވޭކަމަށް، އެއިދާރާއިން ބުނެފައި ވެއެވެ.
މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވިފައިވާތީ، މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކޮށް، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.