މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުގެ ފަޅު އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ، ބޮޑުތަކުރުފާނުމަގު ފުޅާކުރުމާއި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މަސްމާރުކޭޓާއި އިންވެގެންވާ ފަޅުތެރެއިން ކަމަށްވުމާއެކު، މިއަދުން ފެށިގެން މަސައްކަތް ހިނގާ މުއްދަތުގައި އެސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުން ނުކުރުމަށް އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. އެ މިނިސްޓްރީން ބުނީ، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އެ ސަރަހައްދައް ނުވަދެވޭނެކަމަށެވެ. ފަޅު ބަންދުކުރީ ކިހާ މުއްދަތަކައްކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.












