މިއަދު ކަޅު ބިލަމަސް ކިލޯއެއް 18 ރުފިޔާގެ ރޭޓުން ގަންނަމުން ދާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން އޮޑިވެރިންނާ ހިއްސާކުރި އާންމު މެސެޖެއްގައި ބުނެފައިވަނީ އެކުންފުނީގެ މައި ތިން ސެންޓަރުކަމަށްވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުތަކުން މަސް ކިލޯއެއް 18 ރުފިޔާގެ ރޭޓުން މިއަދު ގަންނަމުން ދާނެކަމަށެވެ.
ފިޠުރު އީދަށް ފަހު މިފްކޯއިން މިއަދު ވަނީ ސެންޓަރުތަކުން މަސްގަންނަން ފަށާފައެވެ. އަދި، މިއަދުން ފެށިގެން އެކުންފުނީގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސްވެސް ވަނީ ވިއްކަން ފަށާފައެވެ.
އީދު ދުވަސްވަރު އެކުންފުނިން މަސް ގަތުން މެދުކަނޑާލާފައި އޮތް ނަމަވެސް، މަސްވެރިންނަށް ބޭނުންވާ ޑީސަލް ވަކި އުސޫލެއްގެ ދަށުން ދިޔައީ ވިއްކަމުންނެވެ. މިވަގުތު މިފްކޯއިން ޑީސަލް ދޫކުރަނީ 85 ފޫޓުން މަތީގެ އޮޑިފަހަރަށް 1200 ލީޓަރު އަދި 85 ފޫޓުން ދަށުގެ އޮޑިފަހަރަށް 800 ލީޓަރުގެ މަގުންކަމަށެވެ.