މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ”މަހަ މަންފާ“ގެ ނަމުގައި ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މިއަދު ތައާރަފްކުރި މި ފެސިލިޓީއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލަން ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީގެ ދަށުން، ރަހުނަކާ ނުލާ 400،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރަން ހަމަޖެހިފައިވާއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް
ގިނަވެގެން 7 އަހަރު ދުވަސް ދިނުމަށް ނިންމާފައި ވެއެވެ. އަދި، ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް އަދ ފައިނޭންސިންގ ރޭޓު އަހަރަކަށް %6 ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
”މަހަ މަންފާ“ ފައިނޭންސިންގ ފެސިލިޓީއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، މި ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި، މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްކަމަށާއި، މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެކަމަށް ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، މަސްވެރިކަމުގެ ދާއިރާއިން ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ފަރުމަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 34.52 މިލިއަން ރުފިޔާ އަދި، ސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ގާއިމުކުރުމަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ އެޕްރޫވްކޮށްފައިވެއެވެ.