ށ.ޅައިމަގު ބަނދަރު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް،ނިމުމަކާގާތަށް ގޮސްފައިވާކަމަށް، އެމަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
މަޝްރޫއުގެ އަދާހަމަކޮށް، މިއަދު އެކުންފުނިން ބުނެފައިވަނީ، މިހާރު ކުރިޔަށްދަނީ ހާބަރ މެއިންޓެނަންސް އާއި ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެމްޓީސީސީން މިއަދު ބުނީ، ޖުމްލަ މަޝްރޫއަށް ބަލާއިރު %98 މަސައްކަތް ނިމިފައިވާކަމަށެވެ.
ޅައިމަގު ބަނދަރު ޑިޒައިންކޮށް، ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.