ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖްއެއް ގާއިމުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވައިފި އެވެ.
އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މަސްވެރިކަމާއި، އަދި އެސިނާއަތާގުޅުން ހުރި އެކި ކަހަލަ މަސައްކަތްތައް ކުރުމަކީ، ހިރިކަންދޫގައި ވަރަށް ޚާއްޞަ ކަމެއްކަމަށާއި، އަދި ހިރިލަންދޫއަކީ ސިނާއީ މަސައްކަތްތަކުގެ ޚާއްޞަ ރަށަކަށްވުމާއެކު، އެ ކަމަށް ސަރުކާރުން ވަރަށް އިސްކަންދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އެރަށަށް ނިސްބަތްކޮށް ވެވަޑައިގެންނެވި ވައުދުފުޅުތަކައް އިޝާރާތްކުރައްވައި ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއިން ވެވަޑައިގެންނެވި ވައުދުފުޅުގެތެރެއިން އެރަށުގައި ކޯލްޑް ސްޓޯރޭޖް މަޝްރޫއެއް ހިންގުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.
ރައީސް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ، މި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެމަޝްރޫއު ހިމެނިފައިވާނެކަމަށާއި، ބަޖެޓް ފާސްވެގެން އައުމާ އެކީގައި، އަހަރުގެ އެންމެ ކުރީކޮޅު އެމަޝްރޫއުގެ މަސައްކަތް ފަށައި ކޯޅްޑް ސްޓޯރޭޖް ގާއިމުކުރައްވާނެކަމަށެވެ.
”ހަމަ އެންމެ ކުރީކޮޅު ޖަނަވަރީމަސް ހިސާބުގައި އަޅުގަނޑުމެން އެ މަޝްރޫޢުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެގޮތުގައި ފަށައި، ވަރަށް ހަލުވިމިނުގައި ކުރިއަށް ގެންގޮސް ނިންމައިދޭނަން. އެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް، އެކަމުގެ ބޭނުންޖެހޭނެ ހުރިހާ ބޭފުޅުންނަށް، އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މަސް އޮޑިފަހަރުގައި ލޮނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ކުރިޔަށްގެންދާ މަޝްރޫއަށްވެސް އަލިއްޅުއްވާލާފައިވެއެވެ. ވިދާޅުވީ، އެ ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ އެޕްލިކޭޝަން ކާމިޔާބުކޮށްފައިވަނީ ހިރިލަންދޫ އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން ކަމަށެވެ. އޭގެތެރެއިން މިހާރު ހަތަރު ފަރާތަކަށް ޑިސްބަރސްމަންޓް ހަދަން ފަށާފައިވާއިރު، ދެ ފަރާތަކަށް ލޯނު ދޫކުރަން ފަށަން ތައްޔާރުވެފައި ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް އެރަށުން ޖުމްލަ ހަފަރާތެއް ލޯން ސްކީމްގައި ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.