މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަން ފަށައިފި އެވެ.
މިފްކޯއިން ބުނިގޮތުގައި، މިފްކޯގެ ބޯޓް އެސިޓީއަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މަސް ގަންނަން ފެށީ އިއްޔެއެވެ.
މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ބޭނުންކުރަމުންދަނީ އެކުންފުނީގެ :ރަންދި-19″ ބޯޓެވެ. އެއީ،28.4 މެޓްރިކް ޓަނުގެ ކެޕޭސިޓީޣެ ބޯޓެކެވެ.
ފުވައްމުލައް ސިޓީން ދާއިމީގޮތެއްގައި މަސް ގަތުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔަރޑް) ފަރުހަތު ޝަހީރު ދެއްވާފައިވަނީ މިމަހުގެ ކުރީކޮޅު، ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި މިހާރު ފުވައްމުލައް ސިޓީގައި ގާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މިއަހަރުތެރޭގައި އޮޕަރޭޝަނަށް ގެނެސް، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފަހުރި މަސް ގަނެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ސީއީއޯ ދެއްވާފައިވެއެވެ.މިފްކޯއިން މިހާރުދަނީ ފުވައްމުލައް ސިޓީގެ ޕްރޮސެސިންގ ފެސިލިޓީ މަރާމާތުކުރަމުންނެވެ.
މަސްވެރި ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. ފުވައްމުލައް ސިޓީން މިމަހުގެތެރޭގައި މަސްގަންނަން ފަށާއިރު، އަންނަމަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ޙާލަތު ރަނގަކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައ،ި އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މީގެކުރިން މިފްކޯއިން ބުނެފައިވެއެވެ.