ބ. ކުޑަރިކިލުގައި ގާއިމުކުރުމަށް ނިންމާފައިވާ އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފަށައި، ހަ މަސް ދުވަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސުވާލުކުރެއްވީ، 11 އޮގަސްޓް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަރިކިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވާ ވަޢުދާ ގުޅިގެން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބާ ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލްކުރެވިފައިވާ ތާރީޚް އޮޅުން ފިލުވުމަށެވެ.
ޖަވާބުގައި ވަޒީރު ވިދާޅުވީ، ކުޑަރިކިލުގައި 12 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމަށް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކޮންޓްރެކްޓަރު އެރަށަށް މޮބިލައިޒްވެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ކުޑަރިކިލުގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ އެރަށުގެ މަސްވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ވަރަށް ހާއްސަ ރިކުއެސްޓެއްކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 11 އޮގަސްޓް 2025 ގައި ކުޑަރިކިލަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެ ވައުދު ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ މެންބަރަށާއި އެ ދާއިރާގެ ރައްޔިތުންނަށް ދެއްވާފައެވެ.