ފުވައްމުލައް ސިޓީގެ ބަނދަރުން މަސް ގަންނަން ފަށަން ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ބުނެފިއެވެ.
މިކަން ހާމަަކޮށް މިއަދު މިފްކޯއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ހިނގާ އޯގަސްޓްމަހުގެތެރޭގައި ފުވައްމުލައް ސިޓީ ބަނދަރުން އެކުންފުންޏަށް މަސް ގަންނަން ފަށާނެކަމަށެވެ. މިފްކޯއިން ބުނާގޮތުގައި، ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފެށުމަށްފަހު، ދާއިމީގޮތެެއްގައި މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ދާއިމީގޮތެއްގައި ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނާނެކަމުގެ ޔަގީންކަން މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔަރޑް) ފަރުހަތު ޝަހީރު ދެއްވާފައިވަނީ މިހަފުތާގެތެރޭގައި ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި، މި ބައްދަލުވުމުގައި މިހާރު ފުވައްމުލައް ސިޓީގައި ގާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މިއަހަރުތެރޭގައި އޮޕަރޭޝަނަށް ގެނެސް، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފަހުރި މަސް ގަނެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ސީއީއޯ ދެއްވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މަސްވެރި ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. ފުވައްމުލައް ސިޓީން މިމަހުގެތެރޭގައި މަސްގަންނަން ފަށާއިރު، އަންނަމަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް އެތާނގެެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ރާވާފައިވެއެވެ. އަދި، ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި، މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައ،ި އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މީގެކުރިން މިފްކޯއިން ބުނެފައިވެއެވެ.