ވައިގަދަވެ، ކަޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. ހެނދުނު 09:30 އިން މެންދުރުފަހު 15:30އާ ހަމަޔަށް މިއަތޮޅުތަކަށް ނެރެފައިފައިވާ ހުދުސަމާލުގައި ބުނެފައިވަނީ، މިސަރަހައްދަށް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ ނިމުތުގައި ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
ކަނޑުތައްވެސް ގަދަވެފައި 5-8 ފޫޓު އުސްމިނުގައި ރާޅު ނަގާނެކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.