ވާރލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނު އެހީގައި، ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) މަޝްރޫއުގެ ޓީމުން ތިނަދޫ ސިޓީއަށް ކުރި ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ޓްރާންސްފޯމް ޓީމުން މިމަހުގެ 21އިން 31ގެ ނިޔަލަށް ތިނަދޫ ސިޓީއަށް ކުރި ދަތުރަކީ، ފަރު މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަހުގެ ސައިންޓިފިކް ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރި ދަތުރެކެވެ. އެގޮތުން މަސްވެރިން ބާނާ މަހުގެ މަހުގެ ބަރުދަނާއި ބޮޑުމިން ބަލައި ދިރާސާއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމުގައި އެޓީމުން ހަރަކާތްތެރިވިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ ޓީމުން ކުރިޔަށް ގެންދިޔަ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގައި ކަނޑުގެ ވަޞީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމުގެ އިތުރުން، ފިޝެސް އޮފް ދަ މޯލްޑިވްސް ކެޓެލޮގަށް ބޭނުންވާ ފަރުމަސްތަކުގެ ފޮޓޯ ނެގުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިޔަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ހިންގާ ޓްރާންސްފޯމް މަޝްރޫއަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި، އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.