ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މަސްވެރިންނަށް 100 ފްލެޓް ލިބޭ ކެޓެގަރީއެއް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމަނައިފިއެވެ.
18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ’މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު‘ އެއް އެކުލަވާލާ މިމަހުގެ 16 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މަސްވެރިންނަށް ހައުސިންގ ޔުނިޓު ދެނީ، އެ އުސޫލުގައި 15 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްސަ އިސްކަންދެވޭ ކެޓަގަރީގައި ހިމަނައިގެންނެވެ.
މަސްވެރިންނަށް ޚާއްސަ ކެޓެގަރީގެ ދަށުން ދޫކުރަން ނިންމާފައިވަނީ 100 ހައުސިންގ ޔުނިޓެވެ. މި ޔުނިޓްތައް ދޫކުރަނީ، މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކައް ކަމަށް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލާނެކަމަށް ސަރުކާރުން މިކަމާ ގުޅޭގޮތުން އާންމުކުރި އިއުލާނުގައި ވެއެވެ. ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށްނެވެ.
’މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު‘ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7500 ހައުސިންގ ޔުނިޓެވެ. މަސްވެރިންގެ އިތުރުން މި ފަހަރު މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް، 200 ފްލެޓް އަދި މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކައް 50 ފެލެޓް ދިނުމަށް ނިންމާފައި ވެއެވެ. މިއީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ވަކިވަކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކައް ޚާއްސަކޮށް ފްލެޓް ދޫކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 18 އަހަރު ފުރި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.