ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ، ތަސްލީމް މުހައްމަދު، މ. އަސަރީހަނދާން (43އ) އެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑްކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ، އޮގަސްޓް 29 ވަނަ ދުވަހު ދަތުރު ދިޔަފަހުން އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިނުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރިއަށްގެންދަވާ އޮޕަރޭޝަންގައި އެ މީހާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައި ވާކަމަށެވެ.












