ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ މަންހަޖު އެކުލަވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑައިރެކްޓަރ ފައިނޭންސް އީނާސް ނަސީރުއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ޕްރޮގްރާމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 43 މަސްތެރޭގައި މި މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާއިރު، މި ކޯހުގެ މަންހަޖު ތައްޔާރުކޮށް ނިމުމުން، ކޯސް ހިންގާނީ ގައުމީ ޔުނިވާސިޓީއިންނެވެ. މި ކޯހުގައި ޓްރާންސްފޯމް މަޝްރޫޢުގެ ސްޕޮންސަރޝިޕް ގެ ދަށުން ދިވެހިރާއްޖެއާއި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
ފިޝަރީޒް މިނިސްޓްރީއާ އެމްއެންޔޫއާ ދެމެދު މި ވެވުނު މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭއެހީގެ ދަށުން ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދަ ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އަދި މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯރމް ޕްރޮޖެކްޓް)ގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިންވެސްވަނީ މަސްވެރިކަމާއި، މެރިކަލްޗަރ، އަކުއަކަލްޗަރ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕް ދީފައެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗަރގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެއެވެ. މި ކޯހަކީ ކްލާސްރޫމް ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ. ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގައި، ދަރިވަރުން ކިޔަވާނީ މައިގަނޑު ’ކޯރ‘ މޮޑިއުލްތަކެވެ. އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތިން، ދަރިވަރުންނަށް އިޚްތިޔާރީ މާއްދާތައް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްޗަރ ދާއިރާއިން ޚާއްސަ ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް ޕްރޮގްރާމުން ވަކިވެ، ފުރިހަމަކޮށްފައިވާ ލެވެލްއަށް ސެޓްފިކެޓް ލިބުމުގެ އިޙްތިޔާރުވެސް އޮންނާނެއެވެ.
މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އަންނަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.