ފ. ނިލަންދޫގައި، ސަރުކާރުން ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ބަނދަރުހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ފ. ނިލަންދުއަށް ކުރެއްވި ޒިޔާރަތުގެތެރެއިންނެވެ.
މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ނިލަންދޫ މަސް ކާރުޚަނާ ގާއިމުކުރަން ހިއްކަނީ އެރަށުގެ އުތުރު މަލަމަތިން 7 ހެކްޓަރުގެ ބިމެކެވެ.
ނިލަންދޫ މަސް ކާރުޚާނާ ތަރައްގީކުރަނީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނޭގޮތަށެވެ. ކާރުޚާނާ ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަނާއެވެ.