ހަ ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް(އެމްއެމްއެސްއެސް2026) ބާއްވާ ދުވަސްތައް އިއުލާުނުކޮށްފިއެވެ،
މޯލްޑިވްސް މެރިން ސައެންސް ސިމްޕޯޒިއަމްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ސިމްޕޯޒިއަމް އެކެވެ. އެމްއެމްއާރްއައި އިން މިއަދު ވަނީ، މި ސީރީޒްގެ ހަވަނަ ސިމްޕޯޒިއަމް ބާއްވާ ތާރީޚު އިއުލާނުކޮށްފައެވެ. 6ވަނަ އެމްއެމްއެސްއެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޯގަސްޓްމަހުގެ 4-5 އަށް މާލޭ ސިޓީގައި ކަމަށެވެ.
އެމްއާރްއައިއިން ބުނީ، ފާއިތުވެދިޔަ ސިމްޕޯޒިއަމްތަކާ އެއްގޮތައް ”އެމްއެމްއެސްއެސް 2026″ގައިވެސް ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި. އަދި އަމަލީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތައް އެތަނެއްގައި ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މުހިންމު މައުލޫމާތުތަކެއް ލިބި، މުހިންމު ’ކޮލަބޮރޭޝަން’ތަކައް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން، ”އެމްއެމްއެސްއެސް 2026″ގައިވެސް ރާއްޖޭގެ ކަނޑުގެ ސައެންސްގެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާތަކަށް ބިނާކޮށް އޯރަލް އަދި ޕޯސްޓަރުންް ޕްރެޒެންޓެޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި، މި ސިމްޕޯޒިއަމްގެ މައުޟޫތައް ކަނޑައެޅޭނީ ހުށަހެޅޭ އެބްސްޓްރެކްޓްތަކަށް ބިނާކޮށްކަމަށާއި، އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޯގަސްޓްމަހުގެ ކުރީކޮޅު ހުޅުވާލާނެކަމަށް އެމްއެމްއާރްއައިއިން ބުނެފައިވެއެވެ.
ކުރީ އަހަރުތަކާ އެއްގޮތައް މި ސިމްޕޯޒިއަމްގައިވެސް އެބްސްޓެރެކްޓް އަދި ޕްރެޒެންޓޭޝަން ހުށަހެޅުމާއި، ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ފީއެއް ނުނަގާނެކަމަށްވެސް އެމްއެމްއާރްއައިއިން ބުނެފައިވެއެވެ.
މެރިން ސިމްޕޯޒިއަމްއަކީ ރާއްޖެގައި މެރިން ސައެންސް ދާއިރާއިން ކުރާ ދިރާސާތަކުގެ މަސައްކަތައް އެއްތަނަކުން ހިއްސާކުރެވޭ މައިގަނޑު ޕްލެޓްފޯމްކަމަށްވީއިރު، ކުރީގެ ސިމްޕޯޒިއަމްގައި ލިބިފައިވާ ކާމިޔާބުތަކުގެ މައްޗަށް ބިނާކޮށް ހަވަނަ ސިމްޕޯޒިއަމްގައިވެސް ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މާހައުލު ދެނެގަތުމަށާއި، ބެލެހެއްޓުމަށް މުހިންމު މައުލޫމާތުތައް އިތުރުވެގެންދާނެކަން އެމްއާރްއައިއިން ފާހަގަކޮށްފައިވެއެވެ.