މަސް ކައްކާ ހިއްކުމުގެ މަސައްކަތާއި، މަހުގެ އެހެން ބާއްވަތްތައް އުފައްދައި ވިޔަފާރިކުރުމަށް މުލަކުން ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
މުލަކު ކައުންސިލުން ބުނިގޮތުގައި ކުލީ ބިން ދޫކުރުމުގެ އުސޫލުން މި ބުރު ދޫކުރަން ނިންމާފައިވަނީ އެރަށުގެ ބަނދަރުމަތީގެ އިރުމަތީ ސަރަހައްދުން މަސްވެރިކަމާ ގުޅުން ހުރި މަސައްކަތައް ދޫކުރުމަށް ހަމަޖެހިފައިވާ 4 ބްލޮކް ކަމަށެވެ. 3،000 އަކަފޫޓްގެ މި 4 ބިން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މުލަކު ކައުންސިލުން ބުނީ، ޕްރޮޕޯސަލް އުސޫލުން ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ. ބިން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތުދިނުމުގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި ކައުންސިލް އިދާރާގައި ބާއްވާނެކަމަށާއި، އަދި އަންދާސީ ހިސާބު ހުށަހެޅުމަށް 24 ޖުލައިވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި ބައްދަލުވުމެއް ބާއްވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކައް އަންދާސީ ހިސާބު ހުށަހެޅޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ، ބިމަށް އެދި އެންމެ ކުޑަކޮށް ހުށަހެޅޭނީ އަކަފޫޓަކަށް 60ލާރީގެ ރޭޓުންކަމަށެވެ. އަދި އެރޭޓުން ޕްރޮޕޯސަލް ހުށަހެޅިނަމަވެސް ހުށަހަޅާ އަގަށް މީލާދީން ކޮންމެ 2އަހަރަކުން ހެޔޮބަދަލު ގެނެވިފައި ހުންނަންވާނެކަމަށާއި، އެގޮތުން އަގު ހުށަހެޅުމުގައި ކޮންމެ 2އަހަރަކުން ފަސްލާރިއަށްވުރެ ދަށްނޫން އަދަދެއް އިތުރުވާ ނިސްބަތުން ބީލަމުގައި ހިމަނަންވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ބިން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނީ، ހުށަހަޅާ ޕްރޮޕޯސަލްތައް ކައުންސިލްގެ ބިޑް ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ފާރަތަކަށްކަމަށާއި، އެހެންނަމަވެސް އިވެލުއޭޓްކުރުމުގެ މަރުހަލާގައި އެންމެ މަތިން ލިބޭ ޕޮއިންޓް އެއްވަރުވެއްޖެނަމަ، ބިން ހަވާލުކުރާނެ ހަތަރު ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންކަމަށް މުލަކު ކައުންސިލުން ބުނެފައިވެއެވެ.