އުތުރުގެ އަތޮޅުތަކުގައި ގާއިމުކޮށްފައިވާ، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް)ގެ ފިއުލް ޝެޑްތަކުން މަސްއޮޑިފަހަރަށް ސަބްސިޑީ ޜޭޓުގައި ތެޔޮ ގަންނަން ލިބޭނެގޮތް ހަމަޖައްސައިފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ”ކެޔޮޅާ“ އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، މާދައިމައިން ފެށިގެން އުތުރުގެ އަތޮޅުތަކުގައި ގާއިމުކޮށްފައިވާ، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް)ގެ ފިއުލް ޝެޑްތަކުން މަސްއޮޑިފަހަރަށް ސަބްސިޑީ ރޭޓުގައި ޑީސަލް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު ދޫކުރާ ތެޔޮ ރާއްޖޭގެ ހުރިހައި ސަރަހައްދުން މިހާރު ލިބެން ނެތްކަމަށާއި ސަބްސިޑީ ތެޔޮ ލިބުމުގަ އުނދަގޫތައް އެބަހުރި ކަމަށެވެ. އަދި އުތުރުގެ ސަރަހައްދަށް ބަލާއިރު މިހާރު ސަރުކާރުގެ ސަބްސިޑީގެ ދަށުން ދޫކުރާ ތެޔޮ ލިބެން ހުންނަނީ ހަމައެކަނި މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ކަމަށްވާތީ، މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެސްޓީއޯއެކު ކުރެވޭ މަސައްކަތުގެ ދަށުން ހއ،ހދ،ށގައި ގާއިމުކޮށްފައިވާ އެފްއެސްއެމްގެ ޝެޑްތަކުން މަސް އޮޑިފަހަރަށް ސަބްސިޑީ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މިހާރު ތެޔޮ ލިބެންނެތް މެދު ރާއްޖެތެރޭގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކުންވެސް ތެޔޮ ލިބޭނެގޮތް އެސްޓީއޯއާއެކު ވާހަކަ ދައްކައިގެން ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ހަނގުރާމައިގެ ހާލަތާއެކު ސަރުކާރުން ޔަގީން ކުރާ އެއްކަމަކީ މަސްވެރިން މަސްކަނޑުތަކައް ނިކުންނާނެކަމުގެ ޔަގީންކަންކަމަށެވެ. އެގޮތުން، މިވަގުތުވެސް މެދުކެނޑުމެއް ނެތި މަސްވެރު އުޅަނދުފަހަރަށް ޑީސަލް ދޫކުރެވޭ އިންތިޒާމު ހަމަޖައްސަމުން ގެންދަވާކަމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ލޮޖިސްޓިކް މައްސަލަތަކާހުރެ ޑީސަލް ދޫކުރުމުގައި ލަސްތަކެއް އައި ނަމަވެސް، މަސްވެރިންނަށް އެއްްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހާލަތުގައި މަސްވެރިންނަށް ވަކި އުސޫލެއްގެ ދަށުން ތެޔޮ ދޫކުރަމުން އަންނަކަމަށާއި، ހަނގުރާމައިގެ މި ހާލަތުގައިވެސް މިހާތަނަށް 958 އޮޑިއަކަށް އެކިފަހަރުމަތިން
1.1 މިލިއަން ލީޓަރަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ސަރުކާރުގެ ސަބްސިޑީ ރޭޓުގައި ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަންނެލި މަސްވެރިންނަށް ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް އަލި އަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް މިފްކޯގެ ފެސިލިޓީތަކައް މަސްކިރާ ކަންނެލި އޮޑިފަހަރަށްވެސް، ކަޅުބިލަ މަސްވެރި އޮޑިފަހަރެކޭ އެއް އުސޫލުން ސަބްސިޑީ ރޭޓުގައި ތެޔޮ ދޫކުރަމުން އަންނަކަމަށެވެ. އަދި ކަންނެލި މަސްވެރިކަމުގެ ހަރަކާތްތައް ބޮޑަށް ބިނާވެފައޮތީ މާލެ ސަރަަަހައްދުގައި ކަމަށްވުމާއެކު، ހުޅުމާލެއާއި ހިންމަފުށިން ކަންނެލި މަސްވެރިންނަށް މެދު ކެނޑުމެއްނެތި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ހަނގުރާމައިގެ ހާލަތުގައިވެސް މަސްވެރިންނަށް ދަތިކަމެއްނެތި ޑީސަލް ލިބޭނެ ނިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.