ސަރުކާރު މަސްކުންފުނި، މިފްކޯއިން، ކަޅުބިލަމަސް ކިލޯއެއް 18 ރުފިޔާގެ ރޭޓުން ގަންނަން ފެށުމާއެކު، އެކުންފުންޏަށް މަސްކިރާ އޮޑިފަހަރުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
އީދު ބަންދަށްފަހު މި ހަފުތާގެ ހޯމަ ދުވަހު މިފްކޯގެ ސެންޓަރުތަކުން މަސް ގަންނަން ފަށާފައިވަނީ ކަޅުބިލަ މަސްކިލޯއެއް 18 ރުފިޔާގެ ރޭޓުންނެވެ. އަދި، މިއަދާ ހަމަޔަށް އާއިރު ހުރީ އެއްއަގެއްގައި ހިފަހައްޓާލާފައެވެ. މި ބަދަލާއި ގުޅިގެން ޚާއްސަކޮށް ދެކުނުގެ މަސްވެރިން މަހަށް ނިކުމެ، މަސް އޮޑިފަހަރުން މިފްކޯއަށް މަސް ވިއްކާ އަދަދު ވަނީ އިތުުރުވެފައެވެ.
އީދުގެ ކުރިން މިފްކޯއަށް އޮޑިފަހަރުން މަސް ދެމުން އައީ ވަރަށް މަދުންނެވެ. އެންމެ 5 ދޯނި މަސްކިރި ދުވަސްވެސް ދިޔައެވެ. މިކަން މިހެން ދިމާވީ އެކި ސަރަަހައްދުން ޕްރައިވެޓް ކުންފުނިތަކުން 18 ރުފިޔާއިން މަސް ގަންނަން ފެށުމާއި، އެކުންފުނިތަކުން މަސްވެރިންނަށް ފައިސާ ދެއްކުމުގައި ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދެމުން ދިއުމާ ގުޅިގެންނެވެ. އެހެންކަމުން އެ ދުވަސްވަރު މަހަށް ނިކުތް ގިނަ އަޮޑިފަހަރު މަސް ކިރަމުންދިޔައީ ޕްރައިވެޓް ކުންފުނިތަކަށެވެ. އެދުވަސްވަރު މިފްކޯއިންވެސް މާކެޓަށް ބަލައި ބައެއް ދުވަސްދުވަހު އެކި ހިސާބުތަކުން 18 އަށް ގަތެވެ. އެހެންނަމަވެސް އަގު ދަމަހައްޓާފައެއް ނުވެއެވެ.
މިފްކޯއިން މިދިޔަ ހޯމަ ދުވަހު 18 ރުފިޔާއަށް މަސް ގަންނަން ފެށުމާއި، އަދި ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އައްޑޫ، ހުވަދޫ ގިނަ އޮޑިފަހަރު މަހަށް ނިކުމެ، މިފްކޯއަށް މަސް ކިރަން ފެށިއެވެ. ފުރަތަމަ ދުވަހުވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފުރާލިއެވެ. ހޯމަ ދުވަހު އެކަނި މިފްކޯއަށް 33 އޮޑިފަހަރުން މަސްކިރާފައި ވެއެވެ. އަދި އަންގާރަދުވަހު 43 އޮޑިން މަސްކިރާފައި ވެއެވެ. މިއީ މިފަހަކުން އެންމެ ގިނަ އޮޑި މިފްކޯއަށް މަސް ކިރުވި ދުވަހެވެ.