މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ޓަކައި ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި ގުޅިގެން މަސައްކަްކުރުމަށް ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ،ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން(ސީއެމްސީއީ)އާއެކު މިއަދު 3 މެމޮރެންޑަމް އޮފްއަންޑަސްޓޭންޑިންގ(އެމް.އޯ.ޔޫ) ގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
މިފްކޯއިން ބުނީ، މި އެމް.އޯ.ޔޫ ތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށެވެ. އަދި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން ފުޅާކުރުމުގެ އިތުރަށް، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށެވެ.
މިއަދު ސޮއި ކުރެވުނު މި 3 އެމް.އޯ.ޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަން މިފްކޯއިން ފާހަގަކޮށްފައި ވެއެވެ.
އެމް.އޯ.ޔޫތަކުގައި ސޮއިކުރުމަށް ބޭއްވެވި މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓްރީ، މިފްކޯ އަދި ރާއްޖެ ވަޑައިގެން އުޅުއްވާ ސީއެމްސީއީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.