ހއ. މަޑުލުގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި މިއަދު ވަދުކަނދުފައްޗެއް ގާއިމުކޮށްފައިވަނީ ހއ.މަޑުލުގެ އިރު އުތުރުން 4 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރަކީ، B08V01 އެވެ.
މިއީ، މިދަތުރުގައި ހއ އަތޮޅުގައި ގާއިމުކުރި ދެވަނަ ކަނދުފައްޗެވެ. އަނެއް ކަނދުފަތި ގާއިމުކޮށްފައިވަނީ މިިދިޔަ ހުކުރު ދުވަހު، އެއަތޮޅުެ ދައްޕަރުގެ އިރު އުތުރުން 7 މޭލު ބޭރުގައެވެ. މި ދެ ކަނދުފައްޗާއެކު ހއ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 3އަށް އަރާފައެވެ. ތިންވަނަ ކަނދުފަތި އޮންނަނީ ބާރަށުގެ އިރުން 6 މޭލު ބޭރުގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
މި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ބާވަތުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް މަސްވެރިންނާއި، ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުންކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.