އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ކޫއްޑޫގައި މިއަދު ފެށި މި ޕްރޮގްރާމްގެ ސެޝަންތައް ތިންދުވަހުގެ މުއްދަތަކަށް ދެމިގެންދާނެކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ޕްރޮގްރާމްގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ 436 މުވައްޒަފުން ބައިވެރިވާނެކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ
މި ސެޝަންތަކުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ބައިވެރިންނަށް ކިޔަވައިދޭނެއެވެ. އަދި، މި ސެޝަންތަކުގައި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދިނުމުގެ އިތުރުން، އެ މުވައްޒަފުންނަށް، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދޭނެކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ސެޝަންތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.