ހުޅުމާލޭ ފޭސް-1ގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑިއެފްއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުނީ، މިރޭ 18:48 ހާއިރުކަމަށާއި، ރިޕޯޓް ލިބުމާއެކު އެތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަލިފާން ރޯވީ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ. އެ ހާދިސާގައި ހިގަން މެދުވެރިވީ ސަބަބު އަދި އެ ހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެ އެވެ.
ގުދަނުގައި ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލްކުރުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ ފަރާތުންނާއި، މޯލްޑިވްސް އެއަރޕޯޓް ފަޔަރ އެންޑް ރެސްކިޔުގެ ފަޔަރފައިޓަރުންގެ ފަރާތުން އެހީތެރިކަން ލިބުނުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.