ގާނޫނާ ގަވާއިދާ ހިލާފަށް ބެލެެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސްރީލަންކާއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔާކެ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ ޤައުމުތަކެއްގެ ގޮތުގައި، ދެފަރާތުގެ އިޙްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ޤައުމުގެ ގޮތުގައި ސިފަކުރެއްވިއެވެ. ދޭދޭ މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޒީރާ ޤައުމުތަކެއްގެ ގޮތުން، ދިވެހިރާއްޖެއާއި ސްރީލަންކާ ދެޤައުމުވެސް ބޮޑަށް ބަރޯސާވަނީ އިންޑިއާ ކަނޑުގެ މައްޗަށް، ޚާއްޞަކޮށް މަސްވެރިކަމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމަކީ ދެގައުމުގެވެސް ގިނަ ރައްޔިތުންގެ މައިގަނޑު އާމްދަނީގެ އެއް ވަސީލަތްކަން ބަޔާންކުރައްވައި، ގާނޫނާ ގަވާއިދާ ހިލާފަށް ބެލެެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދެޤައުމުގެ ހިއްސާކުރެވޭ އަޒުމު އަލުން ދަމަހައްޓައި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތައް ކުރިއެރުވުމަށް މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ދިވެހިރާއްޖެއިން ސްރީލަންކާއާއެކު ކުރަމުންދާ ގާތް އެއްބާއްބާރުލުން ކުރިއަށް ގެންދާނަން. އެކުގައި ކުރެވޭ ތަމްރީނުތަކާއި، އެކި ހުނަރުތަކާއި، ޕްރޮފެޝަނަލް ތަމްރީނުތަކުގެ ތެރެއިން ސްރީލަންކާއިން ދެއްވަމުން ގެންދަވާ ދެމެހެއްޓެނިވި އަދި އަގުހުރި އެހީތެރިކަމަށް އަޅުގަނޑުމެން ޝުކުރުވެރިވަން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަނޑުގެ ސަލާމަތައްޓަކައި ކުރެވޭ މަސައްކަތުގައި ދެގައުމުގެ ބައިވެރިވުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ސްރީލަންކާއާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކަކީވެސް ދެޤައުމަށް ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި، އެއީ އަވަސް، އެއްބައިވަންތަ އަދި ހިތްވަރުގަދަ ފިޔަވަޅުތަކެއް އެޅުން ބޭނުންވާ ހިއްސާކުރެވޭ ނުރައްކަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެގައުމުގެ މަޝްވަރާތަކައް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދެގައުމުގެ ސަރުކާރުތަކުން އެކުގައި ކުރެވޭ މަސައްކަތްތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނުކަމަށެވެ. އަދި، ގާތް ރަޙްމަތްތެރިންނާއި އަވައްޓެރިންގެ ގޮތުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއިން ބައިނަލްއަޤްވާމީ މައިދާނުގައި ގާތުން މަސައްކަތްކުރަމުން ގެންދާކަމަށާއި މި ބައިވެރިވުން ހަރުދަނާކޮށް، އަދި ކުރިމަތިވާ ގޮންޖެހުންތަކަށް އެކުގައި ޙައްލު ހޯދުމަށް ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި ގާތުން މަސައްކަތްކުރުމަށް ސްރީލަންކާގެ ރައީސް ޑިސަނާޔަކެއާއެކު އަލުން އަޒުމު ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ.
ދެގައުމުގެ މަޝްވަރާއާ ގުޅޭގޮތުން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރަށް އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފުޅާކުރުމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ސްރީލަންކާގައި އިންވެސްޓްކުރުމަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރެއްވި ކަމަށް ޑިސަނާޔަކ ވިދާޅުވިއެވެ. ހާއްސަކޮށް އައިޓީ،އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދެއްވިކަމަށް ޑިސަނާޔަކެ ވިދާޅުވިއެވެ.