އަރިއަތޮޅު ދެކުނުބުރީގައިވާ ”ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ“ (ސަމްޕާ) ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ދުއްވަންޖެހޭ ވަކި ދުވެލިތަކެއް ކަނޑައަޅައި، އެކަމަށް އަމަލުކުރަން ފަށައިފިއެވެ.
މި މެނޭޖްމަންޓް ޕްލޭނަކީ ސަމްޕާ ސަރަޙައްދުގެ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ މުހިންމު އުސޫލެކެވެ. މި ޕްލޭންގައިވާ ގޮތުން، މި ސަރަޙައްދުގެ އެކި ހިސާބުތަކުގައި އުޅަނދުފަހަރު ދުއްވޭނެ އެކި ދުވެލިތައް ވަނީ ބަޔާންކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ކަމާބެހޭ ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފައިވަނީ، ސަމްޕާ ސަރަޙައްދުގެ ރައްކާތެރިކަން ފެށެނީ ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވުމުން ކަމަށެވެ. ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، އެ އުސޫލުތަކަށް އިހުތިރާމްކުރުމަކީ ކަނޑުގެ ދިރުންތަކަށް، ޚާއްޞަކޮށް އެ ސަރަޙައްދުގައި އުޅޭ ފެހުރިހި ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން، މިއީ އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެސް ކޮންމެހެން ބޭނުންތެރި ކަމެއްގެގޮތުގައި އެވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން، ސަމްޕާ ސަރަޙައްދުގައި ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކުންވެސް މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ދުވެލީގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.