ބަރަކާތްތެރި ފިޠުރު އީދު ބަންދަށް ފަހު މަސް ގަންނަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނީ، ފިޠުރު އީދުގެ މުނާސަބަތާއި ގުޅިގެން މިއަދާއި މާދަމާ އެކުންފުނީގެ ފެސިލިޓީތަކާއި ބޯޓްތަކުން މަސް ނުގަންނާނެކަމަށެވެ. އަދި، އެކުންފުނީގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސްވެސް ނުވިއްކާނެކަމަށެވެ.
މިފްކޯއިން ބުނީ އީދު ބަންދަށް ފަހު ދެން އެކުންފުނީގެ ފެސިލިޓީތަކާއި، އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ ހޯމަ ދުވަހު ކަމަށެވެ. އަދި، ބޯޓުފަހަރުންނާއި، ފެސިލިޓީތަކުން މަސް ގަންނަން ފަށާނީވެސް ހޯމަ ދުވަހު ކަމަށެވެ.
އާންމުކޮށް ހުކުރުދުވަހު މިފްކޯއަށް މަސް ނުގަނެއެވެ. މީގެ އިތުރުން އީދު ފަދަ ބޮޑެތި މުނާސަބަތާއި ދިމާކޮށް މިފްކޯގެ ސެންޓަރުތަކުން މަސް ގަތުން މެދު ކަނޑާލައެވެ. އަދި މިކަން މިފްކޯއަށް މަސް ވިއްކާ އޮޑިފަހަރުތަކަށާއި، އެކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކައް އާންމުކޮށް އަންގައެވެ.