މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުމެވެ. އަދި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރެއެވެ.
މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ޤާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެ ނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ، މަސްވެރިންނާއި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށްދީ، އެފަރާތްތަކަށް ޙައްޤުވެގެންވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެ އުޅަނދުތަކުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ، ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި، ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން ކުރެވޭނެއެވެ.












