މ. ނާލާފުށީ ވިންދު-1 ދޯނިން އިއްޔެ ބޭނި މަސް ކަނޑަށް އުކާލީ އެއްވެސް ހާލެއްގައި ސިޔާސީ މަގްސަދެއް ހާސިލުކުރަން ނޫންކަމަށާއި އަދި ސަރުކާރު ބަދުނާމުކުރުމުގެ ބޭނުމުގައި ނޫންކަމަށާއި، އެމަސް އުކާލަން ޖެހުނީ މިފްކޯ ބޯޓްގެ ކެޕްޓަންގެ އިހުމާލުންކަމަށް، އެ ދޯނީގެ ކެޔޮޅު އިބްރާހިމް ޝިޔާމް ވިދާޅުވެއްޖެއެވެ.
އެ ދޯނިން އިއްޔެ ބޭނި މަސްތައް ކަނޑަށް އުކާލަންޖެހުނު ހާދިސާގެ ތަފުސީލު ”ކެޔޮޅާ“ އާ ހިއްސާކުރަމުން ކެޔޮޅު ޝިޔާމް ވިދާޅުވީ މުލަކަތޮޅު މުއްޔާ ދިމާލުން 13 މޭލު ބޭރުގަ އަޅާފަ އިން ބޮއިން ފަތިހު 2.6 ޓަނުގެ މަސް ބާނައިގެން ދޮޅުގަޑިއެއްހާއިރު ދުއްވާފައި މުލަކު އުތުރު ފަރާތު އޮތް މިފްކޯގެ ޖަޒީރާ-105 އަށް މަސް ކިރަން ކިއުއަށް އަރަން ގާތްކުރެވުނީ ހެނދުނު 10:5 ހާއިރުކަމަށެވެ. އަދި އެވަގުތު ބޯޓަށް މަސްކިރަން އެހެން އޮޑިއެއް އޮތްކަމަށާއި، އެ އޮޑީގެ މަސްކިރާ ނިމުމަށްފަހު، ވަކި ސަބަބެއް އޮޅުންފިލުވަނުދީ، އެވަގުތައް މަސްކިރުން ހުއްޓާލީކަމަށާއި، ދެން މަސް ކިރަން ފަށާނީ ހަވީރު 04:00 ޖަހާއިރުކަމަށް ބޯޓުން އެންގިކަމަށް ކެޔޮޅު ވިދާޅުވިއެވެ.
”ސުވާލުކުރީމަ ބުނީ މިވަގުތައް ހުއްޓާލީއޭ. ވެގެން އުޅޭގޮތެއް ނުވެސް ބުނި. ދެން މަސް ކިރާނީ ހަވީރު 04:00ގެ ފަހުންނޭ. އަޅުގަނޑު ބުނިން އައިސްނެތޭ. މިއަތޮޅު އެއްވެސް ތާކުން އައިސް ލިބޭކަށް ނެތޭ. އަތުގަ މިހިރީ ނޯމަލް މަހޭ. ބުނީ ކިރޭނެއޭ. މަސް ކިރޭނެކަމުގެ ޔަގީންކަން ބޯޓުން ދިން. އެކަމާ ހާސްނުވާށޭ މަސްކިރޭނެޔޭ ބުނީ.
ދެން އަޅުގަނޑު ނަންގަތިން ބޯޓުގެ ކަފުގަ އިތުރު ބޯޓެއް އޮތްތޯ. ބުނީމަ ބުނީ ތަރުތީބު ކުރާނީ މަސްވެރިންނޭ. ކަފުގަ ދޯނިހުރިގޮތެއް ތިމަންނާމެންނަކަށް ނޭގެޔޭ. އަޅުގަނޑު ނަންގަތިން އެދޯނިފަހަތުގަ ކަފުގަ އެހެން ދޯންޏެއް އޮންނަމަ އެ ދޯނީގެ ކެޕޭސިޓީއަކީ ކޮބައިހޭ؟ ބޯޓަށް ނަގާނެ ކެޕޭސިޓިއަކީ ކޮބާހޭ؟ނުކިރެންޏާ އަޅުގަނޑުމެންނަށް ޖަވާބެއް ދޭށޭ. މަސް ވާނީ ކުންޏޭ. މިހުރިހާ ވާހަކައެއް ދައްކާފަ އަޅުަގަނޑުމެންނަށް ކިރޭނެކަމުގެ ޔަގީންކަން ދިނީމަ ކަފުގަ މަޑޫކޮށްލައިގެން ތިބީ.“ ކެޔޮޅު ވިދާޅުވިއެވެ.
ކެޔޮޅު ވިދާޅުވީ ބޯޓް ކެޕްޓަން މަސްކިރޭނެކަމުގެ ޔަގީންކަން ދިނުމުން ކަފުގައި މަޑުކޮށްލައިގެން ތިއްބާ، އޭގެ ފަހުން މަހުން އައި އޮޑިފަހަރުތަކުގެ މަސްވެސް ބޯޓަށް ކިރުވިކަމަށެވެ. އެހެންނަމަވެސް، އެދޯނީގައި ހުރި މަސް ކެޕްޓަން ގާތު ރޮއެ އާދޭސްކޮށްގެންވެސް ކިރައި ނުދީ ހުއްޓާ އެންމެ ފަހުން އުކާލަންޖެހުނީކަމަށެވެ.
”ހަވީރު މަސް ބާނައިގެން އައި މީހުންވެސް އައިސް މަސްކިރި. އަޅުގަނޑުމެން ހަމަ ކަފުގަ. އަޅުގަނޑުމެންގެ މަސްކޮޅު އުކާލަން މިޖެހުނީ. ބޯޓުން އަޅުގަނޑުމެންނަށް މަސް ނުކިރޭނެކަން އެންގިއިރު07:30 ވެއްޖެ. ހެނދުނު ބާނާފަ އައިސް ނާޅާ ހުންނަ މަހެއް ކިހިނެއްތޯ ސަލާމަތުން ހުންނާނީ އޭރު. ކުނިވާނެ ނޫންތޯ؟ ދެން އަޅުގަނޑުމެން އެ މަސް ހިފައިގެން ކޮންތާކައްތޯ ދާނީ؟ ކާކައްތޯ ގުޅާނީ؟ރެޔާ ދުވާލު ކުރި މަސައްކަތް ބޭކާރުވެގެންދިޔައީ. ރޮވެ އާދޭސް ކޮށްގެންވެސް މަސްކޮޅު ކިރާ ނުދިނީމަ ބޯޓްކައިރީގަ އޮވެ މަސްތައް ކަނޑައަށް އަޅާލީ“ ކެޔޮޅު ވިދާޅުވިއެވެ.
ކެޔޮޅު ވިދާޅުވީ، އެވަގުތު ގޮތް ހުަސްވެގެން މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ގުޅައިގެންވެސް ސޮލިއުޝަނެއް ނުލިބުނުކަމަށެވެ. އަދި ބޭނިހާމަސް ކަނޑަށް އަޅާލީ އެއްވެސް ހާލެއްގައި ސަރުކާރާ ދެކޮޅުވެރިވެގެން ނޫންކަމަށާއި، ސަރުކާރު ބަދުނާމުކުރަން ނުވަތަ ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކުރިކަމެއް ނޫންކަމަށެވެ. މަސް ކަނޑަށް އުކާލަންޖެހުނީ ޖަޒީރާ-105 ގެ ކެޕްޓަންގެ އިހުމާލުންކަމަށްވެސް ކެޔޮޅު ވިދާޅުވިއެވެ.
”މިއީ ސިޔާސީވާން ކުރި ކަމެއް ނޫން. ސިޔާސީ ވާހަކަ ދައްކާކަށްވެސް ކުރިކަމެއް ނޫން. އަޅުގަނޑުމެންނަކީ ސަރުކާރާ ދެކޮޅުވެރިވެގެން ސަރުކާރު ބަދުނާމުކުރަން އުޅޭ ބައެއް ނޫން. އެެއްވެސް އެކަހަލަ ވިސްނުމެއް ނެތް. ސީދާ ބޯޓުން ގޯސް ހަދާފަ މިއޮތީ ސީދާ ސަރުކާރު ބަދުނާމުކުރަންވެގެން، ރައީސް މުއިއްޒު ބަދުނާމުކުރަންވެގެން ސީދާ ބޯޓް ކެޕްޓަން މަސައްކަތްކޮށްފަ މިއޮތީ. މީގެކުރިންވެސް ކިރި މަހަށް 15 ދުވަސްވީއިރުވެސް ފައިސާ ނުލިބިގެން ކެޕްޓަނަށް ގުޅާލުމުން ރުޅި އައިސްގެން އެކި ރަށްރަށުގެ މީހުން ލައްވާ އަދި ރަސްމީ ނަންބަރުތަކުންވެސް ގުޅާ އުނދަގޫކުރި. މީދެން ބޮޑޫވަރު ދޯ.“ކެޔޮޅު ވިދާޅުވިއެވެ.
ކެޔޮޅު ވިދާޅުވީ، ސަރުކާރުން ވައުދުވީ ގޮތައް މަސްވެރިންނަށް 48ގަޑީއިރުން ފައިސާ ދޫކުރަމުންދާތީ ބާނާ މަސްކޮޅު ކިރިއްޖެއްޔާ މިހާރު ފައިސާ ބަރާބަރަށް ލިބޭނެކަމުގެ ޔަގީންކަން އޮތުމުން، އެކަމުގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. އެހެންނަމަވެސް މުލަކު ސަރަހައްދުގައި ސަރުކާރުގެ އެއްވެސް އައިސް ޕްލާންޓެއް ނެތުމުން އައިސް ލިބުމުގައި ދަތިވެ، ބާނާ މާސްކޮޅު އުކާލަންޖެހުމަކީ ބޮޑު މައްސަލައެއްގެގޮތުގައި ކެޔޮޅު ފާހަގަކުރެއްވިއެވެ.
”އަމިއްލަ މީހަކު ހިންގާ އެންމެ އައިސް ޕްލާންޓެއް ދިއްގަރުގަ މިހުންނަނީ. މިތާ އަބައުޅޭ 100އެއްހާ ދޯނި މަހަށްދާ. އެތަނަކުން ނެތް ކުރިޔަށް އޮތް ހަފުތާގަވެސް އައިސް ލިބޭކަށް.15 ޓަނު އެތަނުން ހެދެނީ. މިއީ ދިވެހިރާއްޖޭގަ އެކި ހިސާބުތަކުން މަސް ދޯނި ފަހަރު އެންމެ ގިނަައިން މަސް ބާނަން އަންނަ ސަރަހައްދު. މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާ ހިސާބަށް 100 އެއްހާ ދޯނި މި ސަރަހައްދުގަ މަސްވެރިކަމުގަ އެބައުޅޭ. އައިސް އެޅޭނެ އެއްވެސް ތަނެއް ނެތް. ސަރުކާރުގެ އައިސް ޕްލާންޓެއް މިތާކު ނެތް.“ ކެޔޮޅު ވިދާޅުވިއެވެ.
ކެޔޮޅު ވިދާޅުވީ ކުރީގެ ކައުސިލަރެއްގެ ހައިސިއްޔަތުން ކައުންސިލްގައި މަސައްކަތްކުރެއްވުމުން ކަންކަން ކުރިޔަށްދާގޮތުގެ މައުލޫމާތު އެނގިލައްވާކަމަށާއި، އެ އަތޮޅުގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ މަސް ބަނދަރު އަޅަން ގިނަ ދުވަސް ހޭދަވާނެކަން އެނގިލައްވާކަމަށެވެ. އެހެންނަމަވެސް އެބަނދަރު ހެދެންދެންވެސް އެ އަތޮޅުގެ ކޮންވެސް ރަށަކުން އެސަރަހައްދުގައި ހަރަކާތްތެރިވާ މަސް އޮޑިފަހަރަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުން މަސްވެރިން މިހާރު އުފުލަމުންދާ ތަކްލީފަށް ހައްލެއް އަންނާނެކަމަށް ބެލެވޭކަމަށް ކެޔޮޅު ވިދާޅުވިއެވެ.
”ސަރުކާރުން300-400 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނުވަތަ އިންވެސްޓްކޮށްގެން ހަދަން އޮތް މަސް ބަނދަރުގެ ބަދަލުގައި ސަރުކާރުން މި ސަރަހައްދަށް ދުވާލަކަށް60 ހާ ޓަނުގެ އައިސް ލިބޭނެ އިންތިޒާމެއް ގާއިމުކޮށްފިއްޔާ، މުލަކުގަ ގާއިމުކުރިޔަސް، މުލީގަ ގާއިމުކުރިޔަސް، ވޭވަށުގަ ގާއިމުކުރިޔަސް ވަރަށް ފަސޭހައިން މި ސަރަަހައްދަުގަ ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ލިބޭނެ. އައިސް ލިބުނީމަ އޭރުން މަސް ނުކިރިގެން މަސް ކަނޑަށް އަޅާކަށް ނުޖެހޭނެ. އޭރުން މަސް ކިރެންދެން ނޫނީ މަސް ކިރޭ ސަރަހައްދަކަށް ދެވެންދެން އައިސް ލިބޭނެ ނޫންތޯ؟“ ކެޔޮޅު ވިދާޅުވިއެވެ.
ވިންދު-1 ދޯނިން އިއްޔެ 2.6 ޓަނުގެ މަސް ބޭނިއެވެ. އެ މަސް ނުކިރިގެން ކަނޑަށް އުކާލާފައިވާއިރު، މިފްކޯގެ ކޮމާޝަލް ރޭޓަށް ބަލާނަމަ އެއީ، ޖުމްލަ 36،400 ރުފިޔާގެ މަހެވެ.