އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް ”ޖައްރާފާ“ ގެ މި އަހަރުގެ ތަމްރީނުތައް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން، ދެދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި އެކްސަސައިޒަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މި ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، އެ ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް ފަރިތަކުރާނެކަމަށެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދުއާއި، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަޙްމަދު ޠާހިރުއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، ހިސާން ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އިމަޖެންސީ ރެސްޕޯންސް ޓީމުތަކުން ބައިވެރިވެލެއްވިއެވެ.