މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް ބޭއްވުމަށް ޝަޢުޤުވެރިކަން ހުރި ރަށްރަށުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކޮށްފައިވާކަަމަށް މަސްވެރިކަމާބެހޭ ވުޒާރާއިންބުނެފިއެވެ
މަސްވެރިންގެ ދުވަސް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް އާންމުކޮށް ހުޅުވާލީ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މިކަމަށް އެދި ހުށަހަޅަން ދިން މުއްދަތު 31 އެޕްރީލް އަށް ވަނީ ހަމަވެފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ކުރިން ދިން މުއްދަތުގެ ތެރޭގައި އަޟްހާ އީދާ ދިމާކޮށް ގިނަ ބަންދު ދުވަސްތަކެއް އައުމާއި ގުޅިގެން މިހާރު މިކަމަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފައިވާކަމަށެވެ.
އަލުން ދިން މިފުުރުސަތުގެ ބޭނުން ހިފައި، މިކަމަށް އެދޭ ރަށްރަށުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅޭނެކަމަށް ވުޒާރާއިން ބުނެފައި ވެއެވެ. ”2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް“ އާއިގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިނިސްޓްރީގެ ނަންބަރު، 3339274 ފޯނާއި ގުޅާލުމަށް ވުޒާރާއިން އެދިފައި ވެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި މަސްވެރި ރަށްތަކަށް އިސްކަންދޭނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްކަމުގައި ބެލުމުގައި ރިއާޔަތް ކުރާނީ އެރަށުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނާއި، މަސްވެރި އުޅަނދުފަހަރުގެ އަދަދަށްކަމަށް ވުޒާރާއިން ބުނެފައި ވެއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި ބަލާނެ ކަންކަމުގެތެރޭގައި، މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް އެރަށެއްގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، އެރަށެއްގައި މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވާނަމަ، އެ ހަރަކާތް ބޭއްވިތާ 5 އަހަރުވެފައިވުމާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބެލުން ހިމެނެއެެވެ. އަދި، އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުމާއި، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ އިންތިޒާމުތަކާއި، މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވާ މެހެމާނުން ބޭތިއްބުމުގެ އިންތިޒާމްތަކާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިއަހަރު، ފާހަގަކުރާނީ 46 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހެވެ.