އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހުން އޮޕެން ވޯޓަރ ޑައިވަރ ކޯހެއް ހިންގަން ނިންމައިފި އެވެ.
މި ކޯހާ ގުޅޭގޮތުން، އިއްޔެ އޮފީހުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުދޫ ގައި ދިރިއުޅެމުންދާ 17 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށް އޮޕެން ވޯޓަރ ޑައިވަރ ކޯހެއް ހިންގަން ހަމަޖެހިފައިވާކަމަށާއި، އެކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ 10 ފަރާތަކަށްކަމަށް އިއުލާނުގައި ބުނެފައިވާއިރު، ކޯހަށް ބައިވެރިން ނަގަން ނިންމާފައިވަނީ ނަން ނޯޓްކުރާ ތަރުތީބުންނެވެ.މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަވަށޫ އޮފީސް ނަންބަރު 7933088 އަށް ވައިބަރ ކޮށް ނަން ނޯޓުކުރުމަށް އަވަށު އޮފީހުން އެދިފައި ވެއެވެ.
އަވަށު އޮފީހުން އިންތިޒާމްކޮށްގެން މިފަދަ ކޯހެއް ހިންގަނީ،، އައްޑޫސިޓީ ހުޅުދޫގައި ވިލުންތެރި މުޖްތަމައެއް ބިނާކުރުމަށާއި ޒުވާނުން ބާރުވެރިކޮށް، ކުރިއަރަމުންދާ ލޯކަލް ޓުއަރިޒަމް މަގުފަހި ކުރުމުގެ ގޮތުންކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.