ސަރުކާރުގެ މަސް ކުންފުނި(މިފްކޯ) އަށް މިދިޔަ ފެބްރުއަރީ މަހު މަސް ވިއްކި އޮޑިފަހަރުތަކަށް 20.3މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މިދިޔަ މަހު 514އޮޑިއަކުން ޖުމްލަ 1،180.33ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 20،380،249.00 ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.
މިދިޔަމަހު މިފްކޯއަށް އެންމެ ގިނަ އަދަދަކަށް ކިރާފައިވަނީ ކަޅުބިލަމަހެވެ. 483އޮޑިއަކުން 1،052.82ޓަނުގެ މަސްކިރާފައިވާއިރު، އެ އޮޑިފަހަރަށް 17.4މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯއިން މިދިޔަމަހު ގަތް ކަންނެލި މަހުގެ ތަފްސީލަށް ބަލާއިރު، 212އޮޑިއަކުން 10 ކިލޯއިން މަތީގެ 55.16ޓަނުގެ މަސް ގަނެފައިވެއެވެ. އަދި އެ މަހަށް ޖުމްލަ 1.1 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، 214އޮޑިއަކުން 15ކިލޯއިން މަތީގެ 72.16 ޓަނުގެ މަސް ގަނެފައިވާއިރު، އެމަހަށް ޖުމްލަ 1.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހާ އަޅާކިޔާއިރު، ފެބްރުއަރީމަހު މިފްކޯއަށް މަސްކިރުވި އަދަދުވަނީ ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ ޖެނުއަރީ މަހު ޖުމްލަ 236 އޮޑިކުން 2454.34 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާއިރު، އެމަހަށް ޖުމްލަ 40،396،111.60 ރުފިޔާ ދޫކޮށްފައި ވެއެވެ.