އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ދޫކުރާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން ބުނީ، ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމަޔަށް މަސްދަޅު ކޭސް ދޫކުރާނެކަމަށާއި، މަސްދަޅު ކޭސް މިއަދުން ފެށިގެން ދޫކުރަމުންދާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ގްރޭޓަރ މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރޭގެ ނިޔަަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފައި ވެއެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ އިސް ނެންގެވުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު އެކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.