މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އޮޕަރޭޓްކުރަމުން އަންނަ ކަނޑުއޮތްގިރީގައި އައިސް ޕްލާންޓެއް ހުޅުވައިފި އެވެ.
މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކަނޑުއޮތްގިރީގައި މިއަދު ހުޅުވި އައިސް ޕްލާންޓުން ދުވާލަކަށް 25 ޓަނު އައިސް އުފެއްދެއެވެ. މިސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވަމުން އައި ދަތިތައް ހައްލުކުރުމުގެ ބޭނުމުގައި މިފްކޯއިން ގާއިމުކުރި މި އައިސް ޕްލާންޓުން ކަޅުބިލަ އަދި ކަންނެލި އޮޑިފަހަރުތަކަށް އެއްވެސް ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިފްކޯއިން ބުންޏެވެ.
މި ސަރަހައްދަކީ ކަންނެލި މަސްވެރިކަމުގެ އާބާދީ ބޮޑު ސަރަހައްދަކަށްވާއިރު، މި އައިސްޕްލާންޓުގެ ސަބަބުން މި ސަރަހައްދުގެ ކަންނެލި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ޖުމްލަ ހައްލެއް ލިބިގެންދާނެއެވެ.