އއ. ފެރިދޫ ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާގެެތެރޭގައެވެ. މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް(ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ.
މި މަޝްރޫޢުގެ ދަށުން، 2.20 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، 73 މީޓަރުގެ ބޮޑު ހިލައިގެ ނެރު ބޭރުތޮއްޓެއް ލައި، 384މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން، 280 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އެއް އަހަރުދުވަހުގެ ތެރޭގައި ނިންމަން ޝަރުޠުކޮށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 54.35 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
850 މީހުންގެ އާބާދީއެއް އޮންނަ ފެރިދޫއަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފަތުރުވެރިކަމުގެ މަންޒިލެއްކަމުން މި ރަށުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ވެގެން ދިއުމަކީ ފަތުރުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާވެ، ރަށަށް އިޤްތިސާދީގޮތުން ތަރައްޤީ އަންނާނޭ ކަމެއެގެގޮތުގައި އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. އަދި، ރަށުގެ ބަނދަރު ތަރައްޤީ ކުރަން ފެށިފަހުން ދޯނި އެހެލާ ސަރަޙައްދަކަށް ރަށު ރައްޔިތުން އުއްމީދު ކުރަމުން އަންނާތީ، މިއަދު ސޮއެކުރި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އެރަށުގެ ރައްޔިތުންގެ އެ އުއްމީދުވެސް ފުރިހަމަވެ ލުއި ފަސޭހަކަން ލިބިގެންދާނެކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ.