ރާއްޖޭގައި ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް އާންމުކޮށް ހުޅުވާލައިގެން މަސް ރޭހެއް ބާއްވަން ކެޔޮޅުންގެ ލޮބީން ނިންމައިފި އެވެ.
ކެޔޮޅުންގެ ލޮބީން ބުނީ އެ ޖަމްއިއްޔާގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ”މޯލްޑިވްސް ޓޫނާ ރޭސް 2025“ ގެ ނަމުގައި ބާއްވާ މި ރޭސް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. 24 ގަޑީއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
”މަލްޓި ޕާޓީ ސިސްޓަމާއެކުގައި މަސްވެރިންގެ މެދުގައިވެސް މިހާރު މިއޮތީ ސިޔާސީ ވާދަވެރިކަމެއް އުފެދި، އެއްބައިވަންތަކަން ގެއްލިފަ. އަދި މަސްވެރިކަން ކުރަމުން އައި އެތަކެއް ޒުވާނުންނަށް ސަރުކާރުތަކުން އެއްގަމު ވަޒީފާ ދިނުމުން، މަސްވެރިކަމުގައި އުޅުނު ޒުވާނުން މިވަނީ މަސްވެރިކަމާ ދުރަށްގޮއްސަ. ފަޅުވެރިން ހަމަނުވެގެން އޮޑިފަހަރުތައް ފަޅުގައި އަޅާ ހިސާބަށް އެބައާދޭ. އެހެންވީމަ މިރޭހުގެ މައިގަނޑު އެއް މަގްސަދަކީ، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކުރުވައި، މަސްވެރިކަމާ ދުރަށް ދިޔަ ޒުވާނުން އަނބުރާ ގެނައުން. އަދި މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫހު ދިރުވުން.“ ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވިއެވެ.












