މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފެސިލިޓީތަކުން މަސްވެރިންނަށް ވިއްކަމުންދާ ތެލުގެ އަގު ހެޔޮ ކުރަން ނިންމާފައިވާކަމުގެ ޚަބަރު ’ކެޔޮޅާ‘ އަށް ލިބިއްޖެއެވެ.
އިތުބާރު ހިފޭ މަސްދަރަކުން ’ކެޔޮޅާ‘ އަށް މައުލޫމާތު ދިންގޮތުގައި، މިފްކޯއިން މިފަދައިން ނިންމާފައިވަނީ އެކުންފުނީގެ ފެސިލިޓީތަކުން ގަވައިދުން މަސްވެރިންނަށް ތެޔޮ ގަންނަން ލިބެން ނުހުރުމާއި، މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި ’ކެޔޮޅުންގެ ލޮބީ’ގެެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހެޅި މައްސަލަައާއި ގުޅިގެން، އެކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުންނެވެ. މި ނިންމުމާ އެއްގޮތައް، މި ފެށޭ ސެޕްޓެމްބަރ މަހުގެ ތެރޭގައި މަސްވެރިންނަށް މިފްކޯއިން ތެޔޮ ވިއްކާ އަގު ހެޔޮކުރާނެކަމުގެ ޔަގީންޔަން މިވަނީ ލިބިފައެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރަނީ ކޮން މިންވަރަކުންކަމެއް، އަދި ކޮން ދުވަހަކުންކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާގުޅޭގޮތުން، މިފްކޯގެ ރަސްމީ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ. އެހެންނަމަވެސް، އިތުބާރު ހުރި މަސްދަރަކުން ’ކެޔޮޅާ’އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، މިފްކޯއިން މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ވިއްކުމުގެ ފުރުސަތު ހޯދީ، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް)އަށްވުރެ އަގުހެޔޮކޮށް މިފްކޯއަށް ތެޔޮ ލިބޭނޭ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލުތައް ’ކެޔޮޅާ‘ އަށް ލިބުނު މިންވަރަކުން ހާމަކުރަމުން ގެންދާނަމެވެ.
މަސްވެެރި އާއިލާތަކައް ދިމާވެފައިވާ ގޮންޖެހުންތަކައްް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ’ކެޔޮޅުންގެ ލޮބީ‘ އާއެކު މިދިޔަ މެއިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ ޖަމްއިއްޔާއިން ވަނީ، މަސްވެރިން ބޭނުންވާ މިންވަރަށް މިފްކޯގެ ފެސިލިޓީތަކުން ތެޔޮ ނުލިބޭ މައްސަލައާއި، ތެޔޮ ލިބޭ އަގު ބޮޑުކަމުގެ ކަންބޮޑުވުން ފާހަގަކޮށް، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސަށް ދަންނަވާފައެވެ. އަދި އެކަމުގެ ހައްލެއްގެ ގޮތުގައި، މިފްކޯއިން ތެޔޮ އެތެރެކޮށް މަސްވެރިންނަށް ތެޔޮ ވިއްކުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް އެދި ލޮބީންވަނީ ރައީސަށް މަޝްވަރާ އަރުވާފައެވެ.