މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާގެ ވަޒީރުކަން ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ހަސަން ސާބިރު އަވަހާރަވެއްޖެއެވެ. އުމުރުން 73 އަހަރުގައި ސާބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުއެވެ.
އަލް މަރްހޫމް ހަސަން ސާބިރު، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާގެ ވަޒީރުކަން 11 ނޮވެންބަރު 1993 އިން 11 ނޮވެންބަރު 1998 އަށް ކުރައްވާފައި ވެއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ހަސަން ސާބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން އާންމުކުރެއްވި ތައުޒިޔާގެ މެސެޖުގައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާފައި ވެއެވެ. އަދި އެމަނިކުފާނު ވަކިވެގެންދިއުމަކީ، މުޅި ދިވެހި ގައުމަށް އަދި ވަކިން ޚާއްސަކޮށް ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް ލިބުނު ވަރަށް ފުން ހިތާމައެއެއްގެގޮތުގައި ސިފަކުރައްވާފައި ވެއެވެ. އަދި، އަމަނިކުފާނަކީ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާގެ ވަޒީރުކަން ކުރެއްވި ގާބިލު ބޭފުޅެއްކަން ބަޔާންކުރައްވާފައި ވެއެވެ.
”ވަޒީރުކަމުގައި، ދިވެހި ރާއްޖޭގައި ފަރުމަސްވެރިކަން މެނޭޖްކުރުމަށް އިސްކަން ދެއްވިއެވެ. މިގޮތުން ފިޝަސް އޮފްދަ މޯލްޑިވްސް ފޮތް ނެރުއްވުމާއި، ފަރުމަސްވެރިކަމާއި، އޭރު ކުރެވުނު މިޔަރު މަސްވެރިކަމާއި އަދި ދިރޭ ކުދިމަހުގެ މަސްވެރިކަމާ ބެހޭ ގައުމީ މަހާސިންތާތައް ބާއްވަވައި، އެބާވަތްތަކުގެ މަސްވެރިކަން މެނޭޖްކުރެއްވުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ.“ މިނިސްޓްރީގެ ތައުޒިޔާގެ މެސެޖުގައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ފާހަގަކުރައްވާފައިވާ ގޮތުގައި، އަލް މަރްހޫމް ހަސަން ސާބިރު ޖަޕާނުގެ އެމްބެސެޑަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް، މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ.
މަރްހޫމް ސާބިރަކީ މަސްވެރި ދާއިރާގެ އިތުރުން ޓޫރިޒަމާއި، ދަނޑުވެރިކަމާއި، ޚާރިޖީ ދާއިރާއިން ދިގު މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގެ ދާއިރާއިން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަވަހާރަވީވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގައި ދެމި ހުންނަވަނިކޮށްނެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު މަރްހޫމް ސާބިރަށް އެރުވީ މިނިވަން ދުވަހުގެ އިހުތިފާލްތަކުގެތެރެއިން އިއްޔެ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޒަތާ އާއިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ މަރްހޫމް ހަސަން ސާބިރުގެ ދަރިކަނބަލުން އާއިޝަތު ރާނިޔާ ސާބިރެވެ.
މަރްހޫމްް ހަސަން ސާބިރުގެ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާއިރު، ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.