މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ދެކުންފުނިން މިއަދު ސޮއިކޮށްފި އެވެ.
މިއަދު ހަވީރު އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި، އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފް އެވެ. އަދި މިފްކޯގެ ފަރާތުން ފަހުމުނާމާގައި ސޮއި ކުރެއްވީ އެކުންފުނީގެ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް އެވެ.
މިފްކޯއިން ބުނީ ފަހުމުނާމާއިގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު ”އެމްއެސްއެސް އޯޕަލް“ މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައި ވެއެވެ.












