ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ބޮޑު އަގު ހޯދޭނީ އަދި އެ މަސްވެރިންނަށް ވާދަވެރި ބާޒާރެއް ލިބޭނީ އެ ބާޒާރުގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހަރަކާތްތެރިވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ރައީސް ވިދާޅުވީ، މިފްކޯ ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް އަނބުރާ ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވީއިރު މިފްކޯ އިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ މިފްކޯ އަނބުރައި މި ވިޔަފާރިގެ ތެރެއަށް ގެނައުމަށްކަމަށެވެ.
”މިފްކޯ ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއަށް އަނބުރާ ގެންނަން މަސައްކަތް މިކުރެވެނީ. އިރާދަކުރެއްވިއްޔާ ފަހަރަކުމެއް އިތުރުކޮށް އިތުރު ކަންތައްތަކެއް ކަމުގައި ތެރެއިން ހާސިލުކުރެވޭނެ މަސައްކަތް މިކުރަނީ . އިރާދަކުރެއްވިއްޔާ އެ ނަތީޖާ ހާސިލްކުރެވޭނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިފްކޯއިން ކަންނެލި މަސް ގަތުން ހުއްޓާލާފައި އޮތުމާއެކު ބޮޑުކަންނެލީގެ މަސްވެރިކަން ވަރަށް ބޮޑަށް ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިއަކަށް ވެފައިވާކަމަށެވެ. އަދި، އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި ބޮޑު ކަންނެލި މަސްވެރިންނަށް ވާދަވެރި އަގެއް ލިބޭނީ މިފްކޯ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެގެންކަމަށާއި ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަންނެލި މަހަށް އެންމެ ރަނގަޅު އަގު ދެވޭގޮތްވާނީވެސް މިފްކޯ އެހާ ހިސާބަށް ގެންދެވިގެންކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެވެސް ބައިވެރިވުމާއެކީގައި އެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ.