އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފިއެވެ.
މި އުޅަނދު އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން، ހުޅުމާލޭ ބަނދަރަށް އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރެވެ.
މި އުޅަނދު، ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާއި އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާ އެކު އެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް ވަނީ އަރުވާފައެވެ. މި އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް ވަނީ މަރުޙަބާ ދަންނަވާ އުޅަނދު ބައްލަވާލައްވާފައެވެ.
މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މިގޮތުން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.