އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށްގެންދެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ސެއިންސްބަރީސް އަދި ވޯލްޑް ވައިސް ފުޑްސްގެ މަންދޫބުންނާއެކު އިއްޔެ މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީގެ ހުރަސްތައް ނައްތާލުމުގެ މުހިންމުކަމާ ގުޅޭގޮތުންނެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތައް އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ދެފަރާތުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ، ދިވެހިރާއްޖެއާއި ސެއިންސްބަރީސްއާ ދެމެދު އޮތް ޒަމާންވީ ގުޅުން އާކުރައްވައި، ދިވެހި މަސްވެރިންނަށް ލިބޭ މަންފާ އިތުރުކުރުމަށްޓަކައި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ދެމެހެއްޓެނިވި އަދި މަސް ބޭނި ގޮތް ދެނެގަނެވޭނެ އިތުބާރުހުރި ނިޒާމެއްގެ ދަށުން މަސްވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.