ދ. އަތޮޅު މީދޫގައި ގާއިމުކުރި އައިސްޕްލާންޓް މިއަދު ހުޅުވައިފި އެވެ.
ދ. މީދޫގައި ގާއިމުކޮށްފައިވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.
މި ފެސިލިޓީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ“މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން“ މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ގާއިމުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީ އޮޕަރޭޓް ކުރާނީ މިފްކޯއިންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފެސިލިޓީ ހުޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރިޓާޔަޑް) ފަރްހަތު ޝަހީރާއި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުހައްމަދު ލަޠީފާއި، ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މީދޫ ކައުންސިލްގެ އިސްވެރިންނާއި، ބައެއް މަސްވެރިންނާއި، ރައްޔިތުން ބައިވެރިވަޑައިގެންނެވިއެވެ. އައިސްޕްލާންޓް ހުޅުވުމާއެކު މިއަދު ވަނީ އައިސް ދޫކުރަން ފަށާފައެެވެ. މިއަދު އައިސް ދޫކުރީ ހިލެއެވެ.
މީދޫ އާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް އައިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ގާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އާ ހިތްވަރެއް ލިބި، ރަށު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މީދޫ އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މީދޫ އައިސްޕްލާންޓްގެ މަސައްކަތް ކުރިޔަށްގެްނދިޔައީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ހަވާލުކޮށްގެންނެވެ. އައިސްޕްލާންޓު ތަރައްގީކުރަން މިފްކޯއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.