މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މެރިކަލްޗަރ ސްކީމް ތައާރަފްކޮށްފި އެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށދިނުމުގެ ގޮތުން ތައާރަފްކުރި މިފެސިލިޓީއަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 13 ޑިސެންބަރުގައެވެ.
މެރިކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، މިދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ތައާރަފްކުރި މިފެސިލިޓީގެ ދަށުން 80،000 ރުފިޔާއިން 640،000 ރުފިޔާއާ ހަމައަށް ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ. 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ފައިނޭންސްކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
މި ފެސިލިޓީގެ ދަށުން 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައި ވެއެވެ.
މި ފެސިލިޓީއާ ގުޅެގޮތުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއްކަމަށެވެ. އަދި، މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
”ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރ ސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްގީވެގެން ދިއުން.“ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
ކަނޑުރޯދި ނަފާ އިތުރުކުރުމަށްޓަކައި މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. މި މަސައްކަތުގެ ދަށުން، މެރިކަލްޗަރގެ ވިޔަފާރިތައް ގާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި 5 ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި، މިސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ މެރިކަލްޗާ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.