ބޮޑު ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓިއޯ) އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، މި ނިންމުމާއެކު، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން، ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެކަމަށެވެ. ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ބޮޑު ކަންނެލި މަސްވެރިންނަށް މިހާރު މި ދެ ޝެޑުން ޑީސަލް ވިއްކާނީ 17.54 ރުފިޔާއަށް ލީޓަރެއްގެ ރޭޓުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައި މިވަނީ، މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރު މަސްކުންފުނި، މިފްކޯއިން މިހާރު އެކުންފުންޏަށް މަސް ވިއްކާ އޮޑިފަހަރަށް ވަކި އުސޫލެއްގެ ދަށުންދަނީ ޑީސަލް ވިއްކަމުންނެވެ. މިއަދު މިފްކޯއިން ޑީސަލް ވިއްކަނީ، 85 ފޫޓުން މަތީގެ އޮޑިފަހަރަށް 1200 ލީޓަރު އަދި 85 ފޫޓުން ދަށުގެ އޮޑިފަހަރަށް 800 ލީޓަރުގެ މަގުންނެވެ. އަދި، މިއަށްވުރެ މަތީ އަދަދަށް ޑީސަލް ގަންނަން ބޭނުންވާ އޮޑިފަހަރަށް ތެޔޮ ވިއްކަނީ އެސްޓީއޯ ސަބްސިޑީ ރޭޓުން 17.54ރ އަށެވެ.
މިފްކޯގެ ސެންޓަރުތަކަށް މިހާރު ކަންނެލި ގަންނަމުންދާއިރު، މިފްކޯއަށް މަސް ވިއްކާ ކަންނެލި އޮޑިފަހަރަށްވެސް މި އަގުގައި ޑީސަލް ލިބޭނެއެވެ.