ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ”ނޫ އިގުތިސާދު“ގެ އުސޫލުތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ޖަޕާންގެ ފަންނީ އެހީތެރިކަމާއެކު ހިންގި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
2014 ވަނަ އަހާރު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގި ”ޕްރޮމޯޝަން އޮފް ބްލޫ އިކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ މަޝްރޫއަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދިޔަ މަޝްރޫއެއްކަމަށާއި، މިމަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
މައިގަނޑު 3 ކޮންޕޯނެންޓެއް މައްޗަށް ބިނާކޮށް ކުރިޔަށްގެންދިޔަ މި މަޝްރޫއުގެ ދަށުން މަސްވެރިކަމުގެ އައު ޓެކްނިކްތައް ތަޢާރަފުކޮށް، މަސްވެރިންނަށް ތަމްރީނު ދީ، މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހިމެނެއެވެ. އެގޮތުން، ރިނދޫ އުރަހަ ކަންނެލީގެ ކޮލިޓީ ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް ޖަޕާނާއި ރާއްޖޭގައި ދިރާސާތަކެއް ކުރެވި، ރާއްޖޭގައި އެ ކަންނެލީގެ ކޮލިޓީ ހެފެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަނެވިފައިވެއެވެ. އަދި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ބެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ޕައިލެޓް ޕްރޮޖެކްޓެއް ހިންގައި، ދިރާސާތަކުގެ އަލީގައި އެން ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތަކެއް ދެނެގަނެވިފައި ވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ އުފެއްދުންތަކުގެ ކޮލިޓީ ރަނގަޅުކޮށް ”ކޮމާޝަލް ސްކޭލް“އެއްގަ މަހުގެ އުފެއްދުންތައް އުފައްދައި، މަހުގެ އުފެއްދުންތައް ބާޒާރަށް ނެރޭނެ ގޮތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ތިން ރަށެއްގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.
މަޝްރޫއު ވިލަރެސް ކުރަމުން ދިޔައީ ޖައިކާ އާއި ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭގޮތައް އެކުަލަވާލާފައިވާ ޖޮއިންޓް ކޯޑިނޭޝަން ކޮމެޓީ އަކުންނެވެ. މަޝްރޫއު ނިންމާލުމުގެ ގޮތުން އެ ކޮމިޓީން މިދިޔަ މެއިމަހުގެ 29 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އެ ބައްދަލުވުމުގައި މި މަޝްރޫއިން ހާސިލުވި ކަންތައްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ރާވާފައިވާ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ. މީޣެ އިތުރުން މި މަޝްރޫއުގެ ތެރެއިން ބޭނުންކުރި އުކުޅުތަކާއި އަދި ހާސިލްވި ކަންތައްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމަަށް ފިޝަރީޒް މިނިސްޓްރީން މެއިމަހުގެ 26 ވަނަ ދުވަހު ސެމިނާއެއްވެސް ބޭއްވިއެވެ.
ޖައިކާއިން ބުނީ، މި މަޝްރޫއުގެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށާއި، ކުރިޔަށް އޮތްތާނގަ ދިވެހި ސަރުކާރާ ގުޅިގެން މިފަދަ އިތުރު މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.