މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މާލޭ ނޯތު ހާބަރުގައި އެކުންފުނީގެ އާ އައުޓްލެޓެއް ހުޅުވައިފި އެވެ.
ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެމްޕީއެލް ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކުރި ”މިފްކޯ މަސް ފިހާރަ“ ހުޅުވީ މިއަދު ހަވީރު އެވެ. އެތަން ހުޅުއްވައިދެއްވީ މިފްކޯގެ ލޯކަލްސް ސޭލްސް މެނޭޖަރު އަބްދުﷲ ރަޝީދު އެވެ. މަސް ފިހާރަ ހުޅުވުމަށް ބޭއްވި ހަފްލާގައި މިފްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި، އޮޑިވެރިން ބައިވެރިވިއެވެ.
މިފްކޯއިން އަލަށް ހުޅުވި މި މަސްފިހާރަ ހުންނަނީ އާންމުކޮށް އެމްޕީއެލް އިން ޚިދުމަތް ހޯދަން އޮޑިފަހަރު ގާތްކުރާ ސަރަހައްދުގައެވެ. އެސަރަހައްދުގައި ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފިހާރައެއް ގާއިމުކުރީ، މިހާރުވެސް އެންމެ ގިނަ އަދަދަކަށް ހޯލް ސޭލްކޮށް މިފްކޯގެ ފިހާރަތަކުން މަސް ކޭސް ގަންނަނީ، އަތޮޅުތަކުން ކަމަށްވާތީ، އަތޮޅުތަކުން އަންނަ އޮޑި ދޯނިފަހަރަށް އެއްވެސް ތަކުލީފެއްނެތި ލުއި ފަސޭހަކަމައެކު މަސްދަޅު ކޭސް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންކަމަށް މިފްކޯއިން ބުންޏެވެ.
”ވިޔަފާރިވެރިންވެސް އާންމުކޮށް ގަންނަން އަންނަ ތަކެތި ބާޒާރަުމަތިން ގަންނަ ކަމަށްވާނަމަ، މަސް ކޭސްވެސް އެތަނުން ލިބެންހުރީމަ، އެއްބުރުން ހުރިހާ އެއްޗެއްވެސް ގަނެގެން އެބަގެންދެވޭ. އަސްލު ރަށްދެބައިމަގުގަ ކުރިން ހިންގި ފިހާރައިންވެސް އާންމުކޮށް ޚިދުމަތް ހޯދަމުން ދިޔައީ ވިޔަފާރިވެރިންނާއި، ރަށްރަށަށް ގެންދާ އޯޑަރުތަކަށް. އެހެންވީމަ މިހާރު ލޮކޭޝަންގަ(ހާބަރުގަ) ފިހާރަ އިނުމުން އިތުރު ފަސޭހައަކަށްވާނެ. ދޯނިތަކުން ޑައިރެކްޓްލީ އެތަނުން ގަނެގެން ގެންދެވޭނެތާ ރަށްރަށަށް.“ މިފްކޯގެ ޖެނެރަލް މެނޭޖަރ، ލޯކަލް ސޭލްސް އެންޑް މާކެޓިންގ، އާއިޝަތު ރިޔާޒާ ވިދާޅުވިއެވެ.
ނޯތު ހާބަރުގައި މިއަދު ހުޅުވި މިފްކޯ މަސް ފިހާރަ ވިޔަފާރިއަށް ހުޅުވާނީ މާދަމާ ހެނދުނުއެވެ. ހުކުރު ދުވަހާއި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށް އެ ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ. މިފްކޯއިން ބުނީ، އެ ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޚާއްސަ ހޮޓްލައިން ނަންބަރު، 7255533 އިން ވައިބާ މެދުވެރިކޮށް އޯޑަރު ނެގުމާއި، ޑެލިވަރީ ސްޓޭޓަސް ބަލާލުމުގެ އިތުރުން، އޯޑަރަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައްވެސް ކަސްޓަމަރުންނަށް ކުރިޔަށްގެންދެވޭނެކަމަށެވެ.އަލަށް ހުޅުވި މިފިހާރައިގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 2،000މަސްކޭހެވެ. މިފްކޯއިން ބުނީ ޓާގެޓަކީ މިފިހާރައިން ދުވާލަކު މަދުވެގެން 1،000މަސް ކޭސް ވިއްކުންކަމަށެވެ.
މިފްކޯ މަސް ފިހާރައިން އާންމުކޮށް، ރީޓެއިލްކޮށް މަސް ކޭހެއް ވިއްކަމުންދަނީ 760 ރުފިޔާއަށެވެ. އަދި، އެކުންފުނީގެ ރެޖިސްޓަޑް ކަސްޓަމަރުންނަށް ޑިސް ކަައުންޓް ރޭޓުގައި، މަސް ކޭހެއް ވިއްކަމުންދަނީ 745 ރުފިޔާއަށެވެ. މީގެ އިތުރުން ބޮޑެތި އަދަދުން މަސް ކޭސް ގަންނަ ފަރާތްތަކަށް މިފްކޯއިން ދަނީ ޚާއްސަ އަގުތަކެއްގައި މަސް ކޭސް ވިއްކަމުންނެވެ. އެގޮތުން 50 ކޭހަށްވުރެ ގިނައިން ގަންނަ ނަމަ ކޭހެއް ވިއްކަނީ 740 ރުފިޔާގެ މަގުންނެވެ. އަދި 1،000 ކޭހަށްވުރެ ގިނައިން ގަންނަ ފަރާތްތަކަށް ކޭހެއް ވިއްކަމުންދަނީ 735 ރުފިޔާގެ މަގުންނެވެ.
މިފްކޯއިން ބުނީ، މީގެ ކުރިން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ޚިދުމަތްދެމުން ގެންދިޔަ މިފްކޯ މަސް ފިހާރަ(ރަށްދެބައިމަގު) ބަންދުކުރި ނަމަވެސް އެފިހާރައިން، ޚިދުމަތް ދެމުން ގެންދިޔަ ގޮތަށް ނޯތު ހާބަރު ފިހާރައިން މާލެތެރޭގެ ފިހާރަތަކުގެ އޯޑަރުތައް ނަގައި، ހިލޭ ގެންގޮސްދޭނެކަމަށެވެ.