ދަ ހޯވްކް ޕްރައިވެޓް ލިމިޓެޑުން އުތުރުގެ ބައެއް އަތޮޅުތަކުގައި، މަސްވެރިންނަށް ޑީސަލް ލީޓަރެއް 17 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފި އެވެ.
ހޯވްސްއިން ބުނީ، އިއްޔެއިން ފެށިގެން އެކުންފުނީގެ ދިއްދޫ، ހޯރަފުށީ އަދި އިހަވަންދޫ ޝެޑްތަކުން މަސްވެރިންނަށް މި ރޭޓުން އެއްވެސް ކޮންޓްރޯލްކުރުމެއް ނެތި ބޭނުންވަރަކަށް ޑީސަލް ވިއްކަން ފަށާފައިވާކަމަށެވެ.
މީގެ އިތުރުން އެކުންފުނީގެ ތެޔޮ ބޯޓުތަކުންނާއި ހާބަރުތަކުންވެސް މި އަގުގައި މަސްވެރިންނަށް ޑީސަލް ވިއްކަމުންދާކަމަށް ހޯވްކްސްއިން ބުނެފައި ވެއެވެ.
ދަ ހޯވްކްސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭފައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާތާ ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް ކޮލިޓީ ތެޔޮ އެތެރެކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިއުޓް ކުރުމުގައިވެސް ދަ ހޯވްކްސް އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގެ 16 ސަރަހައްދެއްގައި މިހާރުވެސް ތެޔޮ ވިއްކައެވެ.