އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ، ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް އަދި ވ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މިރޭ 11:00އާ ހަމަޔަށް މިއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފަކޮށްނެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާއިރު، އެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރެއާއި، މާދަމާ މިއަތޮޅުތަކުގައި އާންމު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން، މިއަތޮޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ކޯސްޓްގާޑުން ވަނީ މި ހާލަތުގައި ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވެލެއްވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.